މަޖީދިއްޔާ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ފާރެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.
މިއީ މޫސުން ގޯސް ވައި ބާރު ދުވަސް ކޮޅަކަށް ވާތީ ކަމާބެހޭ އިދާރާތަކުން ސަމާލުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވެފައި ވީ ނަމަވެސް މިވޭތުވެދިޔަ ދެތިން ދުވަސްތެރޭގައި ހާދިސާތަކެއް ވަނީ ހިނގާފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ.
އޭގެ ތެރޭގައި ވެލާނާގެ ކުރިމަތީގައި ހުރި ގަހެއްގެ ބައެއް ވެއްޓި ދުއްވާފައި ދިޔަ ސައިކަލަކަށާއި އެތާ ޕާކު ކޮށްފައި ހުރި ސައިކަލަކަށް ގެއްލުންވުމާއި ހިޔާ ވަގުތީ މާކެޓުގެ ފުރާޅުން ޓިނު ގަނޑެއްވެސް ވަނީ ގަދަ ވަޔާއެކު އެއްލާލާފައެވެ.
އަދި މޫދަށް ގެނބިގެން ދެ ފަތުރުވެރިޔަކު މަރުވެފައި ވާއިރު އެހެން ފަތުރުވެރިޔަކު ސަލާމަތްކުރަން މަސައްކަތް ކުރި ދިވެހި ޒުވާނަކުވެސް ވަނީ މަރުވެފައެވެ.



