މިއަހަރުގެ އަޟްހާ އީދު ނުވަތަ ބޮޑު އީދު ގައުމީ ފެންވަރެއްގައި ފާހަނގަކުރާ ރަށްތަށް ކަނޑަ އަޅައިފި އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަނގަކުރުމަށް، ރާއްޖޭގެ ހުރިހާ ރަށަކަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސްލަލް ހުށަހެޅިކަމަށެވެ. އެއީ މެދު ރާއްޖެތެރޭގެ އަތޮޅުތަކުން 10 ރަށަކާއި، ދެކުނުން 9 ރަށެއްގެ އިތުރުން، އުތުރުގެ 7 ރަށަކުންނެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ރަށްތަށް ކަނޑައަޅާފައިވަނީ، ރަށްރަށުން ހުށަހަޅާފައި ހުރި ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ. މި ކޮމިޓީން މާކްސް ދީފައިވަނީ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، އެކަމަށް ހިނގާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބިނާކޮށްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
އެކޮމިޓިގެ މަސައްކަތް ނިންމުމާއެކު މިއަދު ސަރުކާރުން ވަނީ ރަށްތަށް ކަނޑައަޅައި އިއުލާނުކޮށްފަ އެވެ. ސަރުކާރުން ގައުމީ ފެންވަރުގައި އީދު ފާހަނގަކުރަން ކަނޑައެޅި ތިން ރަށްތަކަކީ، ރ. އުނގޫފާރާއި، ދ. ކުޑަ ހުވަދޫ އަދި ގއ. ވިލިގިއްޔެވެ.




