ފަރަންސޭސި ވިލާތުން ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ފޮންސުއާ ޕަކްތޭ އަވަހާރަވެއްޖެ އެވެ.
ސްރީލަންކާގެ ނޫސްތަކުން ބުނާގޮތުގައި، ސަފީރު އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ. ސަފީރު އަވަހާރަވީކަން އެނގުނީ، މިއަދު އޮފީހަށް ވަޑައިނުގަންނަވާތީ، ސްރީލަންކާގައި ހުންނަ ފްރާންސްގެ އެމްބަސީ މުވައްޒަފުން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ސަފީރު ދިރިއުޅުއްވާ ގެއަށް ގޮސް ބެލި ބެލުމުންނެވެ. އަވަހާރަވީ ކުއްލި އާލާސްކަންފުޅަކާ ކަމަށް ބައެއް ނޫސްތަނުން ބުނެފައި ވެއެވެ.
އުމުރުން 53 އަހަރުގެ ޖޯން އަވަހާރަވީ ސަބަބު ދެނެގަތުމަށް ޚާއްސަ އިންކުއަރީއެއް ހިންގާނެކަމަށް ސްރީލަންކާ ފުލުުހުން ވަނީ ބުނެފަ އެވެ. ސަފީރު އަވަހާރަވީކަން ސްރީލަންކާ ފުލުހުން ކަށަވަރުކޮށްދީފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ސަފީރު ކުއްލިގޮތަކަށް އަވަހާރަވުމާއި ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އެމަނިކުފާނުގެ އާއިލާއަށާއި ފްރާންސް އެމްބަސީގެ މުވައްޒަފުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ. މިނިސްޓަރު ޒަމީރު ޓްވިޓާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ މިއަހަރުގެ ކުރީކޮޅު ސަފީރާއެކު ބޭއްވެވި ބައްދަލުވުން އަދިވެސް ހަދުމަފުޅު އެބަހުރިކަމަށެވެ. އަދި، ސަފީރަކީ ރާއްޖެއާ އެކުވެރި ބޭފުޅެއްކަމަށާއި، ދެގައުމުގެ ގުޅުން ބަދަހިކުރަން ކުރެއްވި މަސައްކަތްޕުޅު އަބަދުވެސް ފާހަނކުރެއްވޭނެކަމަށެވެ.
ދިވެހި ރާއްޖެއާއި ލަންކާގެ ސަފީރަކަށް ޖޯން އައްޔަނު ކުރެއްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ސަފީރުކަމަށް އައްޔަނުކުރެއްވި އިރު އެމަނިކުފާނު ފްރާންސްގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އެމަނިކުފާނަކީ ފްރާންސްގެ ބަހާއި އަދި ޘަގާފަތް ދިރުވަން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ. ބައިނަލްއަގުވާމީ ފެންވަރެއްގައި އަމަނިކުފާނު ގެންދެވީ އެ މަސައްކަތްކުރައްވަމުންނެވެ.



