ޗައިނާގެ ޗެމްބަރ އޮފް ކޮމާސްއިން ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާފުލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ހަދިޔާ ކުރި ފިޔާ ބަހާ ނިންމާލައިފިއެވެ.
މިފިޔާ ބެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކޮމޮނަރސް އެމްވީއިން ހާމަކުރި ގޮތުގައި މިއަދު ފިޔާ ބަހާފައިވަނީ، ވަކި ފްލެޓެއްގެ ވަކި ބަޔަކަށް ނުބަލާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހާ ރައްޔިތުންނަށް ކަމަށެވެ.
މިއަދު ހެނދުނު 09:00 ޖެހިއިރު ފިޔާ ބަހަން ފެށި ގޮތަށް އިރުއޮއްސުމާ ހަމައަށް މިމަސައްކަތް މުޅިން ނިންމާލާފައި މިވަނީ ޖުމުލަ 44 ޓަނުގެ ފިޔާ، 7000 އަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައި ކަމަށްވެސް ކޮމޮނަރސް އިން ވަނީ ބުނެފައެވެ.

ކޮމޮނަރސް އިން ބުނީ ޗައިނާގެ ޗެމްބަރ އޮފް ކޮމާސްގެ ދީލަތި އެހީއާއެކު ލިބުނު ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯ އަދި ޗައިނާ އެމްބަސީ އާ ގުޅިގެން ކަމަށެވެ.
ފިޔާ ބެހުމުގެ މި ބޮޑު ޙަރަކާތް ނިންމާލުމުގެ ރަސްމިއްޔާތެއް މި މަހުގެ 29 ވަނަ ދުވަހު ސަލާހުއްދީން ސުކޫލުގައި ބޭއްވުމަށް ރާވާފައިވާ ކަމަށާއި މި ރަސްމިއްޔާތުގައި، ޗައިނާގެ އެމްބަސީގެ އިތުރުން، ޗެމްބަރ އޮފް ކޮމާސް އިންވެސް ބައިވެރިވާނެކަމަށް ކޮމޮނަރސް އިން ވަނީ ބުނެފައެވެ. ހަމައެހެންމެ މިފަދަ ޙަރަކާތްތައް ހިންގާނެކަމަށާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިފަދަ ޙަރަކާތްތައް ހިންގުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ކޮމޮނަރސް އިން ވަނީ ހާމަކޮށްފައެވެ.



