12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން ސޫރިޔާއަށް ސަފީރަކު ކަނޑައަޅުއްވައިފި އެވެ.
ސައުދީ އަރަބިއްޔާއިން ސޫރިޔާއަށް ކަނޑައެޅުއްވީ ފައިސަލް އަލް-މުޖްފިލް ނަމަކަށް ކިޔާ ބޭފުޅެކެވެ.
2011 ވަނަ އަހަރު މެދުއިރުމަތީގައި ކުރިޔަށްދިޔަ އަރަބި އިންތިފާޟާގެ ތެރެއިން ސައުދީ އަރަބިއްޔާއިން ސޫރިޔާއާއެކު ސިޔާސީ ގުޅުން ކަނޑާލައި، ސޫރިޔާގައި ހުރި އެމްބަސީ ބަންދުކުރީ 2012 ވަނަ އަރުގަ އެވެ. އޭރު ގުޅުން ކަނޑާލީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުގެ ނިޒާމު ކުރިޔަށް ގެންދެވި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.
12 އަހަރުގެ މެދުކެނޑުމަކަށްފަހު ސައުދީ އަރަބިއްޔާއިން ސޫރިޔާއާއެކު އަލުން ގުޅުން ގާއިމު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އަދި، ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި މިއަަހަރުގެ ކުރީކޮޅު އެމްބަސީއެއް ގާއިމުކުރި އެވެ.
ސޫރިޔާއިން ވަނީ މިއަހަރުގެ ޖެނުއަރީމަހު ސައުދީގެ ރިޔާޒުގައި އެމްބަސީއެއް ގާއިމުކުުރުމަށް ފަހު ސަފީރަކުވެސް އައްޔަނުކޮށްފަ އެވެ.
ސައުދީއާއި ސޫރިޔާގެ ގުޅުން ރަނގަޅުވަމަކީ މެދުއިރުމަތީގައި ފެންމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މުރާސިލުން ސިފަކުރެއެވެ. އަދި އަރަބ އިންތިފާޟާގައި ސޫރިޔާއާ ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ދެވަނަ ވިސްނުމަކަށް ދާނެކަމަށް ބެލެވެއެވެ.



