އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯން ފެސިލިޓީއެއް ތައާރަފްކޮށް، އެ ފެސިލިޓީގެ 25 އިންސައްތަ ނުކުޅުދެންތެރިކަން ހުންނަ އަންހެނުންނަށް ޙާއްސް ކުރުމަށް ސަރުކާރުން ވިސްނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ މުހިންމު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު މުޅި ދުނިޔޭގައިވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ދެވަނަ ކަމަކީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދިނުމެވެ. އަދި ޢުމްރާނީ ތަރައްޤީއިން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށްވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާޞިލްވުމަށް، ބަދަހިކަމާއެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކަހަލަ، ޖިއޮގްރަފީގޮތުން ދުރުމިނުގައި ރަށްތައް އުފެދިފައި ހުރި ގައުމު ތަކަށް މިކަން ވަރަށް މުހިންމު ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރައީސްގެ އިތުރަށް ވިދާޅުވީ އެއްވެސް ބައެއްގެ އުޖާލާ އަދި އުންމީދީ މުސްތަޤުބަލަށް އެޅޭ ހުރަހަކަށް، މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަށް، ބޭންކުތަކަށާއި ބައިނަލްއަޤްވާމީ އިދާރާތަކަށާއި އެހެނިހެން މާލީ އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ތަޤްރީރުކުރެއްވި މި ރަސްމިއްޔާތަކީ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޮރ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އޯ.އެޗް.އާރް.އެލް.އެލް.އެސް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.





2 Comments
އެހެންތަ
ފިރިހެނުންނަކަށް ނެތް ތަ ތިކަހަލަ ކަމެއް؟ ތަފާތު ކުރުން ހުއްޓާލާ