ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު ކަމަށް މަޖިލީހުން ހާމަކޮށްފިއެވެ.
މަޖިލީހުގެ ރައީސާއި ނައިބު ހޮވުމަށް މިމަހުގެ 28 ވަނަ ދުވަހު ބާއްވާ މި ޖަލްސާ އޮންނާނީ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތަށްްފަހުއެވެ. މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައެވެ.
ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރުކަމުގައި މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.
ސިޔާމް ވަނީ މިހާތަނަށް މެދުނުކެނޑި ހަތަރު ދައުރު މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައިވާ ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ހޮވުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ހުށަހަޅާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަމެވެ.




