މިދިޔަ އަހަރު 5 ބިލިއަން ރުފިޔާގެ ލޯނު އަލަށް ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ބުނެފި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި އެ ބޭންކުން ދޫކުރި ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދަދުގެ ތެރެއިން 1.4 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރީ، އާންމު ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް އަމާޒުކޮށްކަމަށެވެ. އަދި، މިދިޔަ އަހަރަކީ ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު، އެފަދަ ވިޔަފާރިތަކަށް ބީއެމްއެލްއިން އެންމެ ގިނައިން ލޯނު ދޫކުރި އަހަރުކަމަށްވެސް ނިމާލް ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ، ދިވެހި އިގުތިޞާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިގުތިސާދަކަށް ހެދުމުގެ ގޮތުން ތައުލީމީ ދާއިރާއަށް ލޯނު ދިނުމުގައި އިސްކަމެއްދީ، ކުރި ގޮތްތަކެއް މިދިޔަ އަހަރު ހަމަޖައްސައިދިން ކަމަށެވެ. އެގޮތުން، އެބޭނުން ދޫކުރަމުން އަންނަ ކިޔަވާ ލޯނުގެ ރޭޓް %9 އިން %5 އަށް ދަށްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުންވެސް ފަރުދުންނަށް ދޫކުރާ ލޯނުތަކަށް މިދިޔަ އަހަރު ހެޔޮ ބަދަލެއް ގެނެސްފައިވާކަމަށް ނިމާލު ވިދާޅުވި އެވެ.
”ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕަރޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކުރިން. މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރުވެސް ކުރިން. މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް.“ ނިމާލް ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ސްޓާޓްއަޕް ގްރާންޓުން އެހީ ލިބުނު 3 ވިޔަފާރިއަކު މިދިޔަ އަހަރުތެރޭ ކާމިޔާބުކަމާއެކު ގާއިމުވެ ހިނގައިގަތް ކަމަށެވެ. އަދި 2023 ވަނަ އަހަރު މި ހިލޭ އެހީގެ ދަށުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ބޭންކުން އެހީތެރިވެދީފައިވާ ކަމަށްވެސް ބީއެމްއެލްއިން ބުނެފައި ވެއެވެ.



