ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 8 ޖޫން ވާ ހޮނިހިރު ދުވަހު ހެނދުނު ”އެންމެން މޫދަށް“ ގެ ނަމުގައި ހާއްސަ ހަރަކާތެއް ހިންގުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
އެ މިނިސްޓްރީ އިން ބުނީ މި ހަރަކާތަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ގުޅިގެން އެއްވަގުތެއްގައި ރާއްޖޭގެ ގިނަ ބަޔަކު ކަނޑުމައްޗަށް ނުކުތުމަށް ހިނގޭ ހަރަކާތެއް ކަމަށެވެ.

އަދި އެންމެ ތަފާތު ކޮށް، އެންމެ ގިނަ މީހުން ބައިވެރިކޮށްގެން މި ހަރަކާތް ހިންގާ 3 ކައުންސިލެއް ހޮވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތު ދިނެވެ.
ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމަށް ޤައުމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ރޭވުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެގޮތުން ކުޑަކުދިންނަށް ހާއްސަކޮށް ޑައިވް ހަރަކާތެއް ހިންގުމާއި، މާލެ ސަރަހައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުން ފަދަ ހަރަކާތްތައްވެސް ފިޝަރީޒް މިނިސްޓްރީ އިން ވަނީ ރާވާފައެވެ.


