މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)ގެ 2022 ވަނަ އަހަރު ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 4 ރުފިޔާ ބަހާގޮތަށް ހުށަހެޅުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.
އެމްޓީސީސީން ބުނީ، ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 4 ރުފިޔާ ބަހާގޮތަށް 2024 ވަނަ އަހަރުގެ ޚާއްސަ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމީ މިމަހުގެ 2 ވަނަ ދުވަހު ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ 15 ވަނަ ޖަލްސާއިން ކަަމަށެވެ. އެޖަލްސާއިން ވަނީ 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ -/32،150،996 ރުފިޔާ ބަހާގޮތަށް، 2024 ވަނަ އަހަރުގެ ޚާއްސަ ޢާންމު ޖަލްސާއަށް ހުށަހެޅުމަށްވެސް ނިންމާފަ އެވެ. ބޯޑުން ހުށަަހަޅާ އަދަދު ދޭން ނިންމާނީ ޖަލްސާގައި ނަގާ ވޯޓަކުންނެވެ.
2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ބަހާނީ 23 މެއި ގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނިފައިވާ ޙިއްޞާދާރުންނަށްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
2022 ވަނަ އަހަރު އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ފައިދާގެ ގޮތުގައި (ޓެކްސްއަށް ކެނޑުމުގެ ކުރިން) 229.15 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.



