މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ބައެއް އާލާތްތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ހަދިޔާކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނީ ކަރެކްޝަންސްއަށް ބޭނުންވާ ސަލާމަތީ އާލާތްތައް ހަދިޔާކުރީ އެ ކުންފުނީގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ. އަދި މީގެ މައިގަނޑު ބޭނުމަކީ ޕްރިޒަންސްގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވެދިނުންކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ. މިއަދު މިތަކެތި ޕްރިޒަންސްއާ ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ.
އެމްއޭސީއެލްގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން ދަނީ މުޖުތަމައުގެ ތަރައްގީއަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި އެހީތެރިވަމުންނެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި އަދި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެން މުޖުތަމައުގެ ލާބަޔާއި މަންފާއަށް ކުރެވޭ ކަންތައްތަކުގައި ދެމެހެއްޓެނިވިގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަނގަ ކުރެވެއެވެ.



