ފަލަސްތީނުގެ ޣައްޒާގެ ދެކުނުން ގިނަ އަދަދެއްގެ ބަޔަކު ހިމާޔަތް ހޯދަމުން އަންނަ ރަފަހް ސިޓީގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ލާއިންސާނީ ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
އެކްސް ގައި މިއަދު ރައީސް ޑރ. މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އަމުރުތަކަށް އިޒްރޭލުން ވަގުތުން ތަބާވާންޖެހޭ ކަމަށާއި، ބައިނަލްއަޤުވާމީ ޤާނޫނު ތަކުން އެއްވެސް ޤައުމެއް އިސްތިސްނާ ވެގެން ނުވާނެ ކަމަށެވެ.
”ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ގޮވާލަނީ އިޒްރޭލުން ރަފަހްގައި ހިންގަމުންދާ ހުރިހާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް!“ – ރައީސް ގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި ބައިވެރިވުމަށް އެންޓީގާ އެންޑް ބާބިޔުޑާ ގައި ހުންނަވާ ރައީސް ޑރ. މުއިއްޒު ވަނީ ސިޑްސް ޤައުމު ތަކުގެ ލީޑަރުންވެސް ފަލަސްތީނާއިއެކު ތިބިކަން ދުނިޔެއަށް ހާމަކުރުމަށް ގޮވާލައްވާފައެވެ. އެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތަނުގައި ހުއްޓި ހުންނަވާ އެ މަނިކުފާނު ވާހަކަ ދައްކަވަމުން ދާއިރުވެސް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަމުރާއި ޚިލާފަށް، ރަފަހް ގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ކެނޑިނޭޅި ގަތުލުއާންމެއް އެބަ ހިންގަމުންދާ ކަމަށެވެ.
އިޒްރޭލުން ރަފަހް ކޭމްޕަށް ދިން ވައިގެ ހަމަލާއެއްގައި، ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގައި ރޯވެ، މިހާތަނަށް 45 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓު ތަކުން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ 35،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.




