ޗައިނާގެ ވެއިޒިން ޕެއި ގެ ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ(އެމްއޯޔޫ)އެއްގައި ސޮއިކޮށްފި އެވެ.
ޗައިނާގެ ވެއިޒިން ޕެއި ގެ ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި އެކުންފުންޏާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ މިހާރު ކުރިޔަށްދާ ޗައިނާ އައިޓީބީ ފެއާގެ ހަވާސާގައި އިއްޔެ ބޭއްވި އިވެންޓެއްގަ އެވެ.
މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ، އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒިހުނީ ރަޝީދެވެ. އަދި ވެއިޒިން ޕެއި ގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ސިންގަޕޫރުގެ ކަންޓްރީ މެނޭޖަރު އަދި ރީޖަނަލް ޑިރެކްޓަރު، ސައުތުއީސްޓް އޭޝިއާ، ވީޗެޓް ޕޭގެ އެޓިއެން އެން ޖީ އެވެ.
ތިން އަހަރުގެ މުއްދަތަކަށް ވެއިޒިން ޕެއިގެ ޚިދުމަށް ރާއްޖޭގައި ފެށުމަށް މިވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ދަތުރުކުރާ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގައި ތިބެގެން މޯބައިލް ފޯނު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްކުރެވޭނެއެވެ. އަދި، ދިވެހި ވިޔަފާރިތަކަށް ވީ ޕެއި މެދުވެރިކޮށް ފައިސާ ބަލައިގަނެވޭނެއެވެ.
އެމްއެމްޕީއާރްސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަސޭހަވެގެން ދިއުމުން ޗައިނާ މީހުންގެ މެދުގައި ރާއްޖެ މަގުބޫލުވެ، އަދި އެމީހުން ދަތުރުކުރާ ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އިޚުތިޔާރުކުރުމަށް ބާރަކަށް ވެގެންދާނެކަމަށެވެ. އަދި، ވެއިޒިން ޕެއި އާއެކު ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކެއްވެސް ހިންގޭނެއެވެ. މިހަރަކާތްތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ ފަތުުރުވެރިކަމުގެ މާކެޓުގައި ޗައިނާގެ ހިއްސާ ބޮޑުވެގެންދާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
ވެއިޒިން ޕެއި އަކީ، މޯބައިލް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްކުރެވޭ އަދި ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ދޭ ކުންފުންޏެކެވެ. އެހެންކަމުން މޯބައިލް މެދުވެރިކޮށް އޮންލައިންކޮށް ފައިސާދެއްކުމުގެ ޓްރާންސެކްޝަންތައް ކުރިޔަށް ގެންދެވޭނެއެވެ.



