ގދ އަތޮޅުގެ ފަރެސްމާތޮޑާ އެއާރޕޯޓްގައި ޓުއަރިޒަމް ޒޯންއެއް ތަރައްގީ ކުރުމަށް ސިލްވަރ ލޭންޑް ހޮޓެލްސްއާ ހަވާލުކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން ބުނީ ފަރެސްމާތޮޑާ އެއާރޕޯޓްގައި ޓުއަރިޒަމް ޒޯންއެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސިލްވަރ ލޭންޑް ހޮޓެލްސްއާ ހަވާލުކުރުމުގެގޮތުން ދެކުންފުނީގެ ދެމެދުގައި އިއްޔެ އިންވެސްޓްމެންޓް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ(އެމްއޯޔޫ) އެއްގައި ސޮއިކޮށްފައިވާކަމަށެވެ.
މި އެމްއޯޔޫގަައި އާރްސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ސިލްވާ ލޭންޑްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖްމެންޓް ހެޑް އިބްރާހިމް މުހައްމަދު އެވެ.
އާރްސީއެލްއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިޒަމް ޒޯނެއް ގާއިމުކޮށް އެސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެއާޕޯޓާ ޖެހިގެން އޮންނަ ހުސްބިމުގައި 100 ކޮޓަރީގެ ހޮޓަލެއް ތަރައްގީކުރުމަށް ނިންމާފައިވާކަމަށާއި، މި މަޝްރޫއަށް ޚަރަދުވާނެކަމަށް ބަލަނީ 20 މިލިއަން ޑޮލަރުކަމަށް އާރްސީއެލްއިން ބުނެފައި ވެއެވެ.
ގދ އަތޮޅުގައި މިހާރުވެސް ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ކުރިޔަށް އެބަގެންދެއެވެ. ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. އަދި އެރަށުގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



