ރައްޔިތުން ހަވާލު ކޮށްފައި ވަނީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި މި މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ވިދާޅުވެއްޖެއެވެ.
އަޒާންް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ވިހި ވަނަ ދައުރުގެ ހުވާ ކުރެއްވުމަށްފަހު ދައުލަތުގެ މީޑިޔާ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މި ބަސްދީގަތުމުގައި އަޒާން ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީޕީއެމް-ޕީއެންސީގެ މަޖިލިހުން ވަރަށް ގިނަ މަސައްކަތްތަަކެއް ކުރުމަށް ރޭވިފައި އޮތް ކަމަށާއި މިހާރުވެސް ބައެއް މަސައްކަތްތައް ވަނީ ފެށިފައި ކަމަށެވެ. އަދި ބައެއް ބިލުތަކުގެ ދިރާސާ ކުރުމުގެ މަސައްކަތްފަދަ ކަންކަން ކުރަމުންދާކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ ކުރިއަށް އޮތް ހަފުތާތެރޭގައި ރައްޔިތުންނާ ހަމައަށް ގިނަކަންތައްތަކެއް އަންނާނޭ ކަމަށެވެ.
ނޫސްވެރިޔާ އަހުމަދު އަޒާން މަރްޒޫޤް ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ހުރިހާ ފޮށްޓަކުންވެސް ކުރި ހޯދައްވައިގެންނެވެ. ސުކޫލް ދައުރުން ފެށިގެންވެސް އަޒާން ވަނީ އައްޑޫގެ ތަރައްޤީއާ ގުޅޭ އެކިއެކި ޕްލޭންތައް ހެދުމުގައި އަމިއްލައަށް އިސްނަންގަވައިގެން ބައިވެރިވެލައްވާފައެވެ. އޭނާ ވަނީ އަޒަރުބައިޖާން އިން ހާރިޖީ ގުޅުންތަކުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި 93 މެމްބަރުން މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނުގައެވެ. މި ރަސްމިއްޔާތުގައި މެމްބަރުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވެ.
މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ 76 މެމްބަރުން ތިއްބަވާއިރު، އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން ތިއްބަވާނެއެވެ. އޭގެ އިތުރުން އެމްޑީއޭގެ 2 މެމްބަރުންނާއި ޖުމްހޫރީ ޕާޓީ ގެ އެއް މެމްބަރަކާއި، އެމްއެންޕީ ގެ މެމްބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރެއް އިންނަވާނެއެވެ.



