މިދިޔަ އެޕްރީލްމަހު ރާއްޖެއިން މުދާ އެކްސްޕޯޓް އަދި އިމްޕޯޓްކޮށްގެން ދައުލަތަށް 310 މިލިއަން ރުފިޔާ ލިފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އިއްޔެ ކަސްޓަމްސްއިން އާންމުކުރި އެޕްރީލްމަހުގެ އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބުަތަކަށް ބަލާއިރު، މިއަހަރުގެ އެޕްރީލްމަހު ދައުލަތަށް 310 ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެއެވެ. މިއީ މާޗްމަހު ލިބުނު 320 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 10 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ދައުލަތަށް އިމްޕޯޓް އެކްސްޕޯޓްއިން ލިބުނު އާމްދަނީއާ އަޅާކިޔާނަމަ މިއީ %0.6 ގެ ކުރިއެރުމެކެވެ.
ރާއްޖޭގެ އިމްޕޯޓް ތަފާސް ހިސާބުަތަކަށް ބަލާނަމަ މިއަހަރުގެ އެޕްރީލްމަހު ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. އަދި މިއީ މާޗްމަހު އެތެރެކުރި 4.4 ބިލިއަން ރުފިޔާގެ މުދަލާއި އަޅާކިޔާއިރު އިތުރުވުމެކެވެ. އިމްޕޯޓްކުރާ މުދަލަށް ބަލާއިރު އެންމެ ގިނައިން ރާއްޖެ އެތެރެކުރަނީ މެޝިނަރީޒް، ކަރަންޓް ސާމާނު، ތެލުގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެއްޗެވެ. ރާއްޖެއިން އެޕްރީލް މަހު އެންމެ ގިނަ އަދަކަށް މުދާ އެތެރެކޮށްފައިވަނީ:
- އޮމާން: 778 މިލިއަން ރުފިޔާގެ މުދާ
- އިންޑިއާ: 761 މިލިއަން ރުފިޔާގެ މުދާ
- ޗައިނާ: 722 މިލިއަން ރުފިޔާގެ މުދާ
- ސިންގަޕޯރ: 537 މިލިއަން ރުފިޔާގެ މުދާ
- ޔޫއޭއީ: 457 މިލިއަން ރުފިޔާގެ މުދާ
އެކްސްޕޯޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެޕްރީލް މަހު 151 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައި ވެއެވެ. މިއި، މާޗްމަހުގެ އެކްސްޕޯޓްކުރި 124 މިލިއަން ރުފިޔާގެ މުދަލާއި އަޅާކިޔާއިރު 27 މިލިއަން ރުފިޔާގެ މުދަލުގެ ކުރިއެރުމެކެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރަނީ ގަނޑުކުރި ރޯ ކަޅުބިލަމަހެވެ. ކަސްޓަމްސްއިން ބުނާގޮތުގައި އެކްސްޕޯޓްކުރެވުނު މުދަލުގެ އަގުވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާކިޔާއިރު %22 ދަށްވެފަ އެވެ.



