މިއަދު ފެށުނު 20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިންގަވާނެ މަޖިލިހަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ވިހި ވަނަ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެން ދެއްވި ހިތާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެމަނިކުފާނުގެ ނަން ހުށަހަޅުއްވާފައިވާތީ އެކަމަށް އަބްދުއްރަހީމް ވަނީ ފުންއިހުތިރާމާއި ލޯތްބާއެކު ޝުކުރު ދަންނަވާފައެވެ. ހަމަމިއާއެކު އަބްދުއްރަހީމް ވަނީ މަޖިލިސް ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރުމަށް އެމަނިކުފާނަށް ވޯޓު ދެއްވި މެމްބަރުންނާއި ފޮނަދޫ ދާއިރާއަށް އެމަނިކުފާނު އިންތިހާބު ކޮށްދެއްވި ދާއިރާގެ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
ވިހި ވަނަ މަޖިލިސް އެކުލަވާލެވިފައި ވަނީ ގައުމަށް މުހިންމު ވަގުތެއްގައި ކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މި މަޖިލިސް އެކުލަވާލެވިފައި މިވަނީ މުހިންމު އައު ސިޔާސަތުތަކާއެކީ އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެއަށާއި ދިވެހިރައްޔިތުންނަށް ގެނެސްދިނުމުގެ އިހުލާސްތެރި ވިސްނުންފުޅުގައި ޑރ މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ މަދު މަސްތަކެއްގެ ތެރޭގައިކަމަށެވެ.
އެހެންކަމުން މި މަޖިލިސް ވެގެންދާނީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއި، އެމަނިކުފާނުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިނގަންވާނެ މަޖިލީހަކަށް ކަމަށާއި މިދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިންމު ނިންމުންތަކެއް ނިންމަންޖެހިފައުވާ ދަނޑިވަޅެއް ކަމުގައި އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލިހުގެ ތެރޭގައި މަޝްވަރާކޮށް، ބަހުސްކޮށް، ސަރުކާރާއެކު މަސައްކަތްކޮށް، ގޮތް ނިންމަންޖެހޭ ކަންތައްތަކެއްކަމަށް އަބްދުއްރަހީމް ހާއްސަކުރައްވައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އިގްތުސާދީ އަސާސްތައް ފުޅާކުރުމާއި އާ މަސައްކަތްތަކާއި ފަންނުތަކާއު ވިޔަފާރިތައް އުފަން ކުރުން، ފައިސާ އާއި މާލީ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދުމާއި އުމްރާނީ ތަރައްގީގެ އައު ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފްކުރަމުން ގެންދިޔުން ހިމެނެއެވެ. އަދިވެސް އިތުރަށް ވީދެމުންދާ ދިވެހިންގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ އާކުރުމާއި މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން، ނުގަވާއިދުން ބިދޭސީން ރާއްޖެ އަށް ވަންނަ ދޮރުތައް ބަންދުކުރުން، ގާނޫނުގަ ވެރިކަން ނެގެހެއްޓުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި މަޖިލިހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުން މިއީ ހައްތަހާވެސް ވިހިވަނަ ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް އޮތް ދުވަސްތަކުގައި ގޮތް ނިންމަންޖެހޭ ކަންތައްތައް ކަމުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ އާގާނޫނުތައް ތައާރަފްކޮށް، ހުރި ގާނޫނުތައް އަލުން ބަލާލައި އިސްލާހުކޮށް، އަމަލު ކުރަމުންދާ ބައެއް ގާނޫނުތަކުގެ ތެރެއިން ވަގުތާ ފައިހަމަ ނުވާ ގާނޫނުތައް އުވާލައިގެން، ގާނޫނުތަކުގެ އިތުރުން ހަދައި ހިންގާ ގަވާއިދުތައްވެސް ގާތުން ބަލައި އެއީ ގާނޫނުން ބާރު ލިބިގެން، ގާނޫނުގެ ދާއިރާގެ ތެރެއިން ހަދައި ހިންގާ ގަވައިދުތަކެއްކަން ކަށަވަރުކުރަން އެބަޖެހޭ ކަމަށާއި ގާނޫން ބޭރުގައި ހުރި ގަވައިދުތައް ގާނޫނުގެ ތެރެއަށް ވައްދަން ޖެހޭ ކަމަށާއި ނުވަތަ އުވާލަން ޖެހޭ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ކޮނޑުއަޅަނ ބޮޑު ބިޔަ ބުރަ މަސައްކަތެއް ކަމަށާއި މިކަންކަމާ ކުރިމަތިލައި މިކަންކަމާމެދު މަޝްވަރާއާއި ބަހުސްކޮށް ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިއުމުގައި މިމަޖިލިސް ވަރުބަލިވުމެއް ނެތި ދެމި އޮންނާނެ ކަމާމެދު އެމަނިކުފާނުގެ އެއްވެސް ޝައްކެއް ނެތްކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ،އެމަނިކުފާނުގެ އުއްމީދު ކުރައްވަނީ މިފެށޭ ފަސް އަހަރުގެ ދައުރު ގައުމަށް ފާގަތިކަމާއި ކުރިއެރުމާއި ހަމަޖެހުން ލިބޭނެ، އަދި ރައްޔިތުން އުފާވެ ފަހުރުވެރިވާ މަސައްކަތްތަކެއް ކުރެވޭނެ ދައުރަކަށް ވެގެންދާނެކަމަށެވެ.
މިހާރު ކުރިޔަށްދިޔަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައި ވަނީ މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ދިޔަ ސިއްރު ވޯޓުގައި 71 މެންބަރުންގެ ތާޢީދާއެކުގައެވެ.



