ޕާކިސްތާނުގެ ވެރިކަން ކުރާ ޕާޓީކަމަށްވާ ”ޕާކިސްތާން މުސްލިމް ލީގް-ނަވާޒް“(ޕީއެމްއެލްއެން) ގެ ރައީސްކަމުގެ މަގާމަށް، އެގައުމުގެ ކުރީގެ ބޮޑު ނަވާޒު ޝަރީފް އިންތިޚާބުކޮށްފި އެވެ.
ނަވާޒު ޝަރީފް އެމަގާމަށް އައްޔަނުކުރެއްވީ، ޕާކިސްތާނުގެ އިރުމަތީ ލާހޯރު ސިޓިގައި އަންގާރަދުވަހު ބޭއްވި ޕީއެމްއެލްއެން ޕާޓީގެ ޖެނެރަލް ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިންނެވެ. އިންތިޚާބުގެ ކަންކަންމުގައި މަޝްއޫލުވެ އުޅުއްވި އެޕާޓީގެ އިސް އޮފިޝަލެއްކަމުގައިވާ ރާނާ ސަނާއުﷲ ވިދާޅުވެފައިވަނީ ޕާޓީގެ ރައީސްކަމުގެ މަގާމަށް ނަވާޒު ޝަރީފް ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިނުލައްވާކަމަށާއި، އެހެންކަމުން އެމަނިކުފާނު މަގާމަށް އިންތިޚާބުކުރީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ. ނަވާޒް ޝަރީފް ވަނީ މިއަދު ޕާޓީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވުމާއެކު މަގާމާއިހަވާލުވެވަޑައިގެން މަގާމުގެ ޒިންމާ އުފުއްލަވަން ފަށްޓަވާފަ އެވެ.
ނަވާޒު ޝަރީފު ޕީއެމްއެލްއެން ޕާޓީގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރީ، މީގެ ކުރިން އެމަގާމުގައި ހުންނެވި ނަވާޒު ޝަރީފްގެ ފިރިހެން ކޮއްކޯފުޅު އަދި ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ޕާޓީގެ ރައީސްކަމުން ވަކިވެވަޑައިގަތުމާއި ގުޅިގެންނެވެ. މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް ޝާހްބާޒް ގެންދެވީ، ނަވާޒު ޝަރީފް ޕާޓީގެ ރައީސް އަދި ލީޑަރުކަމާއި ހަވާލުވެވަޑައިގަންނަވަންދެން،ވަގުތީ ގޮތުން ޕާޓީގެ ރައީސްކަމުގެ ޒިންމާ ނަންގަވަމުންނެވެ.
ނިމިގެން ދިޔަ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވެރިކަމަށް އަންނަ ވަރަށް ”ޕާކިސްތާން މުސްލިމް ލީގް-ނަވާޒް“(ޕީއެމްއެލްއެން) އަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މިހާރު އެޕާޓީން ވެރިކަން ކުރަމުންދަނީ ވެރިކަން ކުރަން އެކުލަވާލި ކޯލިޝަނެއްގެ ދަށުންނެވެ. އެ ކޯލިޝަން ހަދާފައިވަނީ ޕާކިތާންގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިހެން ދަރިކަލުން ބިލްވާލް ޒަރްދާރީ ބުއްޓޫ ލީޑްކުރައްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ(ޕީޕީޕީ) އާއި ކުދި ބައެއް އެހެނިހެން ސިޔާސީ ޕާޓީތައް ގުޅިގެންނެވެ.
އުމުރުން 74 އަހަރުފުޅުގެ ނަވާޒް ޝަރީފް ވަނީ ތިން ދައުރެއްގެ މަތިން ޕާކިސްތާންގެ ބޮޑު ވަޒީރުކަން ކުރައްވާފަ އެވެ. ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމާއި ނަވާޒު ޝަރީފް ހަވާލުވެ ވަޑައިގެންނެވީ 6 އަހަރުގެ މެދުކެނޑުމަކަށްފަހުގަ އެވެ.




