މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތައް ފޮޅާ ސާފު ކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ދިވެހީން ހޯދަން އިއުލާނު ކޮށްފިއެވެ.
ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް 13 ދިވެހި ފިރިހެނުން ބޭނުންވާކަމަށެވެ. އަދި އެ މަގާމުތަކަކީ އެއް އަހަރު ދުވަހަށް ނަގާ މަގާމުތަކެއް ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމާއި އޭގެ އިތުރުން ވެސް ކައުންސިލް އިދާރާގެ ބައެއް އެހެނިހެން މަސައްކަތްތައް ކުރުމެވެ.
ކައުންސިލް އެސިސްޓެންޓްގެ ގޮތުގައި ނަގާ އެ ވަޒީފަތަކުގެ އަސާސީ މުސާރައަކީ 5،000 ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރ. ހިމެނެ އެވެ. އިތުރު ގަޑި މަސައްކަތް ކުރާނަމަ އިތުރަށް 3،500 ރ. އަދި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރ. ދޭނެ ކަމަށް އިއުލާނުގައިވެ އެވެ
މާލެ ސަރަހައްދުގެ މިސްކިތްތަކަށް ދިވެހީން ހޯދަން އިއުލާނު ކޮށްފައިވާއިރު މީގެ ކުރިން ވެސް ސިޓީ ކައުންސިލުން މިކަމަށް އިއުލާނު ކުރިއެވެ. އެންމެ ފުރަތަމަ 114 މީހުން ހޯދަން އިއުލާނު ކުރިނަމަވެސް ފުރަތަމަ ކުރިމަތިލީ 14 މީހުންނެވެ. ނަމަވެސް އޭގެފަހުން ދެން ކުރި އިއުލާނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް މީގެ ކުރިން ބަލަހައްޓަމުން ގެންދިޔައީ އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން މައިގަނޑު ގޮތެއްގައި ބިދޭސީންނެވެ. ނަމަވެސް، އެކަން ބަދަލުކޮށް މިސްކިތްތައް ބެލެހެއްޓުން ދިވެހީންނާ ހަވާލު ކުރުމަށް ސިޓީ ކައުންސިލުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ނިންމާފައެވެ.




