ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓޮންގާގެ ބޮޑުވަޒީތު ސިއާސީ ސިވަލެނީއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ތަރައްޤީގެ މަގުގައި ކުރިޔަށްދާއިރު އަމިއްލަ ފުދުންތެރިކަމާއެކު ކުރިޔަށްދިއުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން ދެ ލީޑަރުން ވަނީ މަލްޓިލެޓަރަލް ކްލައިމެޓް ފަންޑުގެ އެހީތެރިކަން ހޯދުމަށް މިހާރު އޮންނަ ގޮތްތައް އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރުމާއިއެކު، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒަކީ އ.ދ.އިން އިންތިޒާމުކުރާ ސިޑްސް4 ގެ ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއަރއެވެ.
މި ކޮންފަރެންސްގައި ރައީސް ވަނީ އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އާއި، އެންޓީގާ އެންޑް ބާބިޔުޑާގެ ގެ އިތުރުން ދުނިޔޭގެ އެކި ލީޑަރުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.



