މިހާރު ކުރަމުންދާ ވިއްސާރާ ގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓު) އިން މުޅި ރާއްޖެއަށް ޔެލޯ އެލާޓެއް ނެރެފިއެވެ.
މެޓުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރު 14:30 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ވަރަށް ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.




