ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ ރިޔާދު ޓްރެވަލް ފެއަރގައި ބައިވެރިވެ، ރާއްޖޭގެ ފަތުުރުވެރިކަމުގެ ސިނާއަތު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
އެމްއެމްޕީއާރުސީއިން ބުނީ، ރިޔާދު ޓްރެވަލް ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަން ސައުދީ މާރކެޓްގައި ޕްރޮމޯޓްކޮށް، ސައުދީ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން، އެ ފެއާގައި ގާއިމުކޮށްފައިވާ ސްޓޭންޑުތަކުން ރާއްޖޭގެ ފަތުުރުވެރިކަމާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސޯޝަލް މީޑިއާ ކޮންޓެސްޓެއް ކުރިޔަށްގެންދާކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. ރާއްޖޭގެ ސްޓޭންޑުން ދިވެހި ކެއުންތަކުގެ ރަހަ ބަލާލުމުގެ ފުުރުސަތުވެސް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެމުން އަންނައިރު، ދިވެހިވަންތަ ގިވް އަވޭސްތައްވެސް ދަނީ ދެމުންނެެވެ.
އެމްއެމްޕީއާރްސީން ބުނީ، މި ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާރކެޓްގައި ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ރިސޯޓް، ހޮޓެލް އަދި ގެސްޓް ހައުސް ވިޔަފާރިން ފަތުރުވެރިންނަށް ލިބޭ ގިނަގުނަ ހިދުމަތްތައް އިޝްތިހާރު ކުރަމުން އަންނަކަމަށެވެ. އަދި، ފެއަރގައި ބައިވެރިވާ އެހެން ގައުމުތަކުގެ ބައިވެރިންނާއި ބައްދަލުކޮށްލުމުގެ ފުރުސަތު ލިބި، މެދުއިރުމަތީގައި ދިވެހި ރާއްޖޭގެ ފަތުުރުވެރިކަމާއި ފަތުުރުވެރިކަމުގެ ޕްރޮޑަކްޓްތަކަށް މާކެޓްކޮށް، އަރަބި ގައުމުތަކުގެ މީހުން ޝައުގުވެރިކުރުމުގެ ފުރުސަތު ފެއާގެ ތެރެއިން ލިބެމުން ދާކަމަށްވެސް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.
ރިޔާދު ޓްރެވެލް ފެއާގައި ދުނިޔޭގެ 32 ގައުމަކުން 25 އެގްޒިބިޓަރުންނާއި، ދުނިޔޭގެ 18 ގައުމެއްގެ ޓޫރިޒަމް ބޯޑަކުން ބައިވެރިވެފައި ވެއެވެ. މި ފެއާގައި ރާއްޖޭގެ ފަތުުރުވެރިކަމުގެ ދާއިރާގެ 9 ކުންފުންޏަކުން 17 މަންދޫބުން ބައިވެރިވެ ދަނީ ރާއްޖެ ތަމްސީލު ކުރަމުންނެވެ. މީގެ ތެރޭގައި ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވެލް އެޖެންޓުންނާއި، ފަތުރުވެރިކަމުގެ އެހެނިހެން ޚިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.
މިމަހުގެ 27 ގައި ފެއާގެ ހަރަކާތްތައް ފަށާފައިވާއިރު، މިއަދު މިއީ ފެއާގެ އެންމެ ފަހު ދުވަހެވެ. ރިޔާދު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަންގައި ކުރިޔަށްދާ މި ފެއާއަށް މިހާތަނަށް 23783 މީހުން ޒިޔާރަތްކޮށްފައިވާކަމަށް ފެއާ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
ރިޔާދު ޓްރެވެލް ފެއާއަކީ، މެދުއިިރުމަތީގައި ބާއްވަމުން އަންނަ އެންމެ މަގުބޫލު ޓްރެވެލް އެންޑް ޓުއަރިޒަމް ފެއާއެވެ. އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މި ފެއާއަކީ ފަތުުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓްކޮށް، މި ދާއިރާގެ ވިޔަފާރިތަކަށް އެއްތާކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވަމުން އަންނަ ފެއާއެކެވެ. މިއަހަރުގެ ފެއާއަކީ، މިގޮތުން ބާއްވާ 14 ވަނަ ފެއާ އެވެ.




