މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މާދަމާ ހަމަވާނެއެވެ.
މިއަހަރުގެ ގައުމީ އިނާމަށް މައިގަނޑު 38 ދާއިރާއަކުން ހުޅުވާލާފައިވާއިރު މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މާދަމާ މެންދުރު 2:30 ގައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގައުމީ އިނާމަށް އެދޭ ފަރާތްތަކުންނާއި އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށްވެސް މި އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ވިޔަފާރި އިދާރާ ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނުވަތަ ސަރުކާރުގެ އިދާރާއަކުންނާއި މިނިވަން މުއައްސަސާ ތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެއެވެ.
ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅުމަށް ވަކި ފޯމެއް ހަމަޖެހިފައިވާއިރު ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ވިޔަފާރި އިދާރާ ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ކަނޑައެޅޭ ވަކި ފޯމެއް ވަނީ ހަމަޖެހިފައެވެ.
ޤައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވައިގެންނެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، http://apply.presidency.gov.mv އަށެވެ.
ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށެވެ.
މި އަހަރު ޤައުމީ އިނާމު ދެއްވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.



