ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް، ޗައިނާގެ އީސްޓަން އެއާލައިންގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކޮށްފި އެވެ.
ދެކުނުގެ ދަތުރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިހާރު ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ އައިޓީބީ ފެއަރގެ ހަވާސާގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް، ޗައިނާ އީސްޓަން އެއަރލައިންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް، އީވީޕީ، ވޮން ޗިންގޗާއޯ އާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓަރ ފައިސަލް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެ ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު އީސްޓަން އެއާލައިންގެ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ހުރި އިތުރު ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އެގޮތުން، އީސްޓަން އެއާލައިންގެ ސީދާ ދަތުރުތައް ޜާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޭއްވުމަށް އޮތް ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ފަތުުރުވެރިކަން ޕްރޮމޯޓްކުރުމަށް އީސްޓަން އެއާލައިންނާއެކު ގުޅިގެން ކުރެވިދާނެކަންތައްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށާއި، އަދި، ކުރިޔަށް އޮތްތާނގައި އީސްޓަން އެއާލައިންއާއި އެކު ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. މިނިސްޓަރު މި ބައްދަލުވުން ސިފަ ކުރައްވާފައިވަނީ ވަރަށް ފައިދާކުރަނިވި ބައްދަލުވުމެއްގެ ގޮތުގައެވެ.
ކޮވިޑް-19 އާ ގުޅިގެން އީސްޓަން އެއާލައިންގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން ރާއްޖެއަށް ދަތުރުފެށީ މިދިޔަ ފެބްރުއަރީ މަހުގެތެރޭގައެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުުރުވެރިން އަންނަ ގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު އެކަނިވެސް އިއްޔެގެ ނިޔަލަށް އެގައުމުން 98،908 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ، މި އަހަރު ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 11.2 ޕަސެންޓެވެ.




