އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީން މީހުންގެ އާއިލާތަކާއި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އިތުރުން ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންވެސް ހިމެނޭ ގޮތަށް ފަލަސްތީންގެ 1،000 މީހުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ނިންމަވައި، އެކަމަށް އަމުރެއް ނެރުއްވައިފި އެވެ.
ސައުދީ ރަސްގެފާނު މި ފުރުސަތު ދެއްވަން ނިންމަވާފައި ވަނީ އެ މަނިކުފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ކޮންމެ އަހަރަކުވެސް ހައްޖުވުމުގެ ފުރުސަތު ދެއްވާ މީހުންގެ ތެރެއިންނެވެ.
ސައުދީ ރަސްގެފާނުގެ އަމުރަށް އެކަން ބަލަހައްޓަނީ އެ ގައުމުގެ އިސްލާމިކް މިނިސްޓްރީންނެވެ.
މިކަން އަންގައި އިއުލާނު ކުރުމުގެ ގޮތުން ސައުދީ ގެޒެޓް ނޫހުގައި ހާމަކޮށްފައިވާ ގޮތުގައި ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި މި އަހަރު 2،322 މީހަކަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
އެ 2322 މީހުންގެ ތެރޭގައި ފަލަސްތީންގެ 1،000 މީހަކާއި 88 ގައުމެއްގެ 1،300 މީހުންގެ އިތުރުން އެއް ހަށިގަނޑުން ގުޅިފައި ތިބި ކުދިންގެ ތެރެއިން ސައުދީގައި އޮޕަރޭޝަންކޮށް ހަށިގަނޑު ވަކިކުރި ކުދިންގެ އާއިލާތަކަށް ނިސްބަތްވާ 22 މީހަކު ހިމެނެ އެވެ.
މީގެ ސައްބީސް އަހަރު ކުރިން ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން ފެއްޓެވި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 60،000 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ވަނީ ދެއްވާފައެވެ.



