ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި، ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމާއި ގުޅޭ ކޮމިޓީއެއް އުފައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ސަރުކާރު ހިއްސާވާ މައި ޕާޓީގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމާއި ގުޅޭ ކޮމިޓީއެއް އުފައްދަން ޕީއެންސީން ބޭނުންވާ ކަމަށެ، އިއްޔެ ބޭއްވުނު މަޖިލީހުގެ 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެކަން ނުކުރެވުނީ ގެދޮރުވެރިކަމާބެހޭ އެކި ކަންކަމުގެ މެންޑޭޓް އޮތް ކޮމިޓީތައް ހުރުމުން ކަމަށެވެ.
ކަން މިހެން އޮތްކަމުގައި ވީ ނަމަވެސް މަޖިލީހުގެ ގަވާއިދަށް އާންމު ކޮމިޓީން ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެއްދޭނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އަންނަ ޖޫން މަސް ނިމޭއިރު އުފެއްދޭނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މި ކޮމިޓީ އުފެއްދުމާއިއެކު، މީގެ ކުރިން ގެދޮރުވެރިކާއި ގުޅިގެން ދިމާވެފައި ހުރި މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށާއި، ކޮމިޓީއަކާ މިކަހަލަ ހައްސާސް މައްސަލައެއް ހަވާލުކުރުމަކީ ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މިކަމަށް ދާއިމީ ހައްލެއް ލިބުމަށް އެޅޭނެ ވަރަށް ބޮޑު ބާރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ގެދޮރުވެރިކަމާ ބެހޭ ހުރިހާ މައްސަލަތަކެއް އެ ކޮމިޓީއަށް ދިޔައިމަ، އެ ކޮމިޓީގެ ބޭފުޅުންނަށް އެކަންކަން ދިރާސާކޮށް، މިދިޔަތަނުގައި މި ދިމާވި މައްސަލަތައް، ގޯތި ދިނުމާއި ގޯތި ހަވާލުނުކުރުމާއި، ފްލެޓް ދިނުމުގައި އެއްބައި ބޭފުޅުން އެބަބުނޭ ބަހާލީއޭ. އަނެއްބައި ބޭފުޅުން އެބަބުނޭ ތިމަންނަމެންނަކީ ޙައްގުވެރިންނޭ. އެހެންވީމަ އެގޮތަށް ކޮމިޓީއަކާ މިކަހަލަ ހައްސާސް މައްސަލައެއް ހަވާލުކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި މިކަމަށް ދާއިމީ ހައްލެއް ލިބުމަށް އެޅޭނެ ވަރަށް ބޮޑު ބާރެއް،“ ނާޒިމް ވިދާޅުވިއެވެ.



