ކުޅިވަރާއި ތައުލީމަށާއި މަސްވެރިކަމަށް އެތަކެއް ގިނަ ހިދުމަތްތަކެއް ކުރެއްވި އަހުމަދު ހާފިޒް ނިޔާވެއްޖެއެވެ.
މ. ޒިޔާރަތްދޮށުގޭ 66 އަހަރުގެ ހާފިޒު ނިޔާވީ ކެންސަރުބަލީގައި ގާތްގަނޑަކަށް ނުވަ ވަރަކަށް އަހަރު ހޭދަކުރެއްވިފަހުން އައިޖީއެމްއެޗުގައި މިއަދުގެ ވަގުތެއްގައެވެ.
މަސްވެރިކަމުގެ ސިޔާސަތު ރޭވުމާއި މަސްވެރިކަމުގެ މައުލޫމާތުތަކަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ހާފިޒު ވަނީ ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެ އެ ތަނުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
މަސްވެރިކަމާ ގުޅޭ ގިނަ ލިޔުންތަކެއް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔުއްވި ހާފިޒު ގިނަ ދުވަސްތަކެއް ވަންދެން ”ރަސްއައިން“ގެ އެޑިޓަރުކަންވެސް ކުރެއްވި އެވެ.
ހާފިޒު ވަނީ ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާފައެވެ. ހަމައެހެންމެ ހާފިޒަކީ ކުޅިވަރާއި ތައުލީމަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ފަރާތެކެވެ.
ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ހާފިޒުގެ ނަމާ ގުޅުވައިގެން މަހަކަށް ”ހާފިޒް“ގެ ނަން ދިން ހަމައެކަނި ބޭފުޅަކީ ވެސް ހާފިޒެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ހާފިޒު ވަނީ އަހުމަދިއްޔާ ސްކޫލަށް 20 އަހަރެއްހާ ދުވަހުހިދުމަތް ކުރައްވައި އެ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަން ކުރައްވައިފައެވެ.
ދިރާގުގެ ބޯޑުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ނައިބުކަންވެސް ހާފިޒު ވަނީ ކުރައްވައިފައެވެ.



