ކުޅިވަރާއި ތައުލީމަށާއި މަސްވެރިކަމަށް އެތަކެއް ގިނަ ހިދުމަތްތަކެއް ކުރެއްވި އަހުމަދު ހާފިޒް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެެއްޖެއެވެ.
އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވަނީ ދިވެހި ދައުލަތަށާއި އަދި ޕީޕީއެމް/ގެ އިތުރުން ރާއްޖޭގެ ކުޅިވަރަށް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ހާފިޒް އަވަހާރަވުމާ ގުޅިގެން މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
މ. ޒިޔާރަތްދޮށުގޭ 66 އަހަރުގެ ހާފިޒު ނިޔާވީ ކެންސަރުބަލީގައި ގާތްގަނޑަކަށް ނުވަ ވަރަކަށް އަހަރު ހޭދަކުރެއްވިފަހުން އައިޖީއެމްއެޗުގައި މިއަދުގެ ވަގުތެއްގައެވެ.
މަސްވެރިކަމުގެ ސިޔާސަތު ރޭވުމާއި މަސްވެރިކަމުގެ މައުލޫމާތުތަކަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ހާފިޒު ވަނީ ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެ އެ ތަނުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ހަމައެހެންމެ ހާފިޒަކީ ކުޅިވަރާއި ތައުލީމަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ފަރާތެކެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ހާފިޒު ވަނީ އަހުމަދިއްޔާ ސްކޫލަށް 20 އަހަރެއްހާ ދުވަހުހިދުމަތް ކުރައްވައި އެ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަން ކުރައްވައިފައެވެ.
ދިރާގުގެ ބޯޑުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ނައިބުކަންވެސް ހާފިޒު ވަނީ ކުރައްވައިފައެވެ.



