އާސަންދަ މެދުވެރިކޮށް ޔޫއޭއީ އާއި ތައިލެންޑަށް ބޭހަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
މިކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާވެ.
ޒީނިޔާ ވިދާޅުވީ، އާސަންދަ މެދުވެރިކޮށް މިހާރު ޚިދުމަތް ލިބޭ ގައުމުތައް ފިޔަވައި އެހެން، އެއަށްވުރެވެސް ރަނގަޅު ގައުމުތަކުގެ ހޮސްޕިޓާތަކުން ދިވެހިންނަށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރެވުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި ތައިލޭންޑް އާއި ޔޫއޭއީގައި އާސަންދަ ސްކީމު މެދުވެރިކޮށް ބޭސްފަރުވާ ކުރަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރިއަށްދާ ކަމަށެވެ.
”އަޅުގަނޑުމެން މިހާރު މި ފޮނުވަނީ އިންޑިޔާ ސްރީލަންކާއަށް. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެއްގައުމު ދެ ގައުމަށް ބަރޯސާ ނުވެ، ދިވެހިން ގިނައިން ބޭސްފަރުވާ އަށް ދަތުރުކުރާ ގައުމުތަކަށް އާސަންދަ ސްކީމުން ޚިދުމަތް ލިބޭ ގޮތް ހެދުން. އެގޮތުން، ތައިލޭންޑް އާއި ޔޫއޭއީގައި މި ޚިދުމަތްތައް ފަށަންވެގެން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މިހާރު ކުރިއަށް އެބަ ގެންދަން.“ އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ
މިހާރު ދިވެހި ރައްޔިތުން އާސަންދަ މެދުވެރިކޮށް މިވަގުތު ބޭސް ފަރުވާ ހޯދަން ދާ ދެ ގައުމަކީ އިންޑިއާ އަދި ސްރީލަންކާ އެވެ. ނަމަވެސް ސިއްހީ ހިދުމަތުގެ ފެންވަރު އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލޭންޑާއި ޔޫއޭއީ އަށްވެސް އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ޒީނިއާ މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެ ހިދުމަތް ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.




