ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން އެ ބޭންކުގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ދެ ޑިރެކްޓަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލްއިން އިއްޔެ އެފުރުސަތު ހުޅުވާލީ އެބޭންކުގައި އާންމުން ސަމްސީލު ކުރަމުން އަންނަ 3 ހިއްސާދާރުންގެ ތެރެއިން 2 ހިއްސާދާރުންގެ ޓާމްގެ މުއްދަތު ހަމަވާތީއެވެ. އެކުންފުނީގެ 41 ވަނަ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ވަނީ 3 އާންމު ހިއްސާދާރުން އިންތިހާބުކޮށްފަ އެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަަށް ހޮވުނީ އަހުމަދު މުހައްމަދާއި، އިބްރާހިމް މުހައްމަދާއި، އަބްދުﷲ ނަސީމެވެ.
ބީއެމްއެލްއިން ބުނީ، އެ ކުންފުނި ހިންގާ ގަވާއިދުގައި ވާގޮތުގެ މަތީން އޭގެތެރެއިން ދެ ޑިރެކްޓަރުންގެ ޓާމްގެ މުއްދަތު 21 ޖުލައިއަށް ހަމަވާނެކަމަށެވެ. އަދި އެ ތާރީޚުން ފެށިގެން މަގާމު ހުސްވާތީ އެމަގާމަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ޖޫން މަހުގެ މެންދުރު 14:00 އާ ހަމަޔަށް ހުޅުވާލާފައި ވާކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބީއެމްއެލް ހެޑު އޮފީހުގެ ހަވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަތުމުގެ އިތުރުން، ފޯމާއި ލިޔެކިޔުންތަށް އީމެއިލް މެދުވެރިކޮށް ބީއެމްއެލްގެ ސެކްރެޓަރީއަށް އީމެއިލްވެސް ކުރެވިދާނެކަމަށް ބީއެމްއެލް އިން ބުންޏެވެ. ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އަދި ކޯޕަރޭޓް އެފެއާޒް ޔުނިޓުން ފޯމު ލިބޭނެއެވެ.



