އ.ދ. އިން އިންތިޒާމުކޮށްގެން ބާއްވާ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 4 ވަނަ ކޮންފަރެންސް (ސިޑްސް4) ގައި ދިވެހިރާއްޖޭގެ އަޑު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުނިޔެއަށް އިއްވައިދީފިއެވެ.
މިއީ 1994 ގައި މި ކޮންފަރެންސް ބާއްވަން ފެށި ފަހުން، ރާއްޖޭގެ ރައީސެއްގެ ހައިސިއްޔަތުން މި ކޮންފަރެންސްގައި ބައިވެރިވެ ދިވެހީންގެ އަޑު އިއްވައިދިން ފުރަތަމަ ފަހަރެވެ. މި ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވަޑައިގެންނެވި ނަމަވެސް، ހުރިހާ ހަރަކާތެއްގައިވެސް އެންމެ އިސްކޮށް ހުންނަވައިގެން ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރެއްވިތަން ފެނިގެން ދިޔައެވެ.
ދުނިޔޭގެ ގިނަ ލީޑަރުން ބައިވެރިވި ސިޑްސް4 ގައި ރައީސް ޑރ. މުއިއްޒު ވަނީ ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ބައިންލްއަޤުވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ރައީސް ވަނީ 7 ބަޔާނެއް އިއްވާފައެވެ.

ސިޑްސް ކޮންފަރެންސްގެ އެއް ނައިބު ރައީސްގެ ހައިސިއްޔަތުން، ރައީސް ޑރ. މުއިއްޒު ވަނީ އެ ކޮންފަރެންސްގައި ކުރިޔަށް ދިޔަ ޕްލެނަރީ ސެޝަންއެއްގެ ރިޔާސަތު ބަލަހައްޓަވައިދެއްވާފައެވެ. މީގެ އިތުރުން މި ކޮންފަރެންސްގެ އިންޓަރެކްޓިވް ޑައިލޮގުގެ ކޯޗެއާގެ ހައިސިއްޔަތުން، އ.ދ. ގެ އިސްބޭފުޅުންނާއި، ޤައުމު ތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވި މި ޑައިލޮގުގެ ރިޔާސަތުވެސް ރައީސް ޑރ. މުއިއްޒު ވަނީ ބަލަހައްޓަވާ ދެއްވާފައެވެ.
މާލީ އެހީއަކީ ސިޑްސް ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި، ތަރައްޤީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަމަށާއި އަދި އެގޮތަށް ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެއްކަންވެސް ރައީސް ޑރ. މުއިއްޒު ވަނީ މި ކޮންފަރެންސްގައި ފާހަގަ ކުރައްވާފައެވެ.
މި ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ’ސިޑްސް’ގެ މެންބަރު ގައުމުތަކުގެ ލީޑަރުންނާ، އެކި ޖަމިއްޔާ ޖަމާޢަތްތަކާއި، ޚިދުމަތުގެ ދާއިރާތައް ތަމްސީލުކުރެއްވި ޢިލްމުވެރީންނާއި ތަޖްރިބާކާރުންގެ ފަރާތުން ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
ސިޑްސް4 ގެ ހަވާސާގައި ރައީސް ޑރ. މުއިއްޒު ވަނީ އެ ކޮންފަރެންސްއަށް ހާޒިރުވެވަޑައިގެންނެވި ގިނަ އަދަދެއްދެ ބައިނަލްއަޤުވާމީ ލީޑަރުންނާ ބައްދަލުކުރައްވާ، ސިޑްސްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަދި ދިވެހިރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވާފައެވެ.

ސިޑްސް ކޮންފަރެންސްގެ ތެރެއިން ރައީސް ޑރ. މުއިއްޒު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިވެސް އަޑު އުފުލާފައެވެ. މި ކޮންފަރެންސްގައި ކުރިޔަށް ދިޔަ ބައްދަލުވުމެއްގައި ދެއްވި ތަޤުރީރެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސިޑްސް ޤައުމު ތަކުން އެކަމާއި ދެކޮޅަށް އަޑު އުފުލަނަ ޖެހޭ ކަމަށެވެ. މި ތަޤުރީރު ފައްޓަވަމުން ރައީސް ޑރ. މުއިއްޒު ވަނީ އިޒްރޭލުން ހިންގާ ގަތުލުއާމް ވަގުތުން ހުއްޓާލަން ބައިނަލްއަގުވާމީ ކޯޓު އައިސީޖީން އަމުރު ނެރެފައި އޮއްވާ، އެ އަމުރު އިޒުރޭލުން ބޮލާލައި ޖަހާފައި ވާތީ އެކަން ކުށްވެރި ކުރައްވާފައެވެ.

27 މޭއި އިން 30 މޭއިގެ ނިޔަލަށް އެންޓިގާ އެންޑް ބާބިޔުޑާގައި ކުރިޔަށް މި ކޮންފަރެންސްގެ މައުލޫމާތު ދެއްވުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ސިޑްސް4 ކޮންފަރެންސް އަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ދެއްކެވި ވާހަކައިގައި ސިޑްސް4 ކޮންފަރެންސްގައި ދިވެހި ރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތު ކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރައްވާފައިވާކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ ހީނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ހީނާ ވިދާޅުވީ ސިޑްސް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ހުށަހަޅާ، ވަކާލާތުކޮށްފައިވާ މައިގަނޑު ހުރިހާ ކަމެއް އެންޑޯސްކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ކޮންފަރެންސުން ލިބިގެންދާ އެންމެ މުހިންމު އެއް ކާމިޔާބީ އަކީ އެއީ ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.




