ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަންނަ ބޮޑު އީދު ދުވަސްވަރާއި ދިމާކޮށް ޑޮމެސްޓިކް ފްލައިޓްތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ، ފްލައިޓްތައް އިތުރުކުރީ އީދަށް އޮންނަ ޑިމާންޑް ދެނެގަނެ، ފަސިންޖަރުންނަށް ލުއި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުންކަމަށެވެ.
”ކުރިއަށް އޮތް ޗުއްޓީ ސީޒަނަށް އިތުރު ފްލައިޓްތައް ތައާރަފްކުރާކަން އިއުލާން ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް! މި އީދު ދުވަސްވަރު ދަތުރުފަތުރުގެ ޑިމާންޑް އިތުރުވެފައިވާކަން ދެނެގަނެ، އަޅުގަނޑުމެންގެ ފަސިންޖަރުންނަށް ފަސޭހަކަމާއެކު އަރާމުކޮށް ދަތުރުކުރެވޭނެ ގޮތަށް އިތުރު ފްލައިޓްތައް ޝެޑިއުލްކޮށްފިން.“ މޯލްޑިވިއަނުން ބުނެފައި ވެއެވެ.
މޯލްޑިވިއަނުން ދަތުރުތައް ކުރާ 16 ރޫޓުގެ ފްލައިޓްތައް އީދު ދުވަސްވަރަށް އިތުރުކޮށްފައިވާއިރު، 100 އަށްވުރެ ގިނަ ދަތުރު ތާވަލުކޮށްފައިވާނެކަމަށާއި، އެ ދަތުރުތަކަށް މިހާރު ޓިކެޓް ގަނެވޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަން އިން އަބަދުވެސް ސްކޫލް ޗުއްޓީއާއި، އީދާއި، އަދި އެނޫނަސް އާންމުން އެންމެ ގިނައިން އަތޮޅުތެރެއަށް ދަތުރުކުރާ ދުވަސްވަރު ބަލައި، އެއޮޮންނަ ޑިމާންޑާއި އެއްވަރަށް ދަތުރު ހަމަޖައްސައެވެ. އަދި ދަތުރުތައް ހަމަޖައްސާއިރު ފަސިންޖަރުންނަށް ދަތުރުކުރަން ފަސޭހަވާނެ، ގޮތަށް ދަތުުރުތައް ތާވަލުކުރަމުން އަންނަކަން ފާހަނަގަ ކުރެވެއެވެ.
މޯލްޑިވިއަނުން ޑޮމެސްޓިކް ދަތުުރުތައް ކުރަނީ ދަރަވަންދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ހަނިމާދޫ، ކާނޑެއްދޫ، ކައްދޫ، ކޫއްޑޫ، ތިމަރަފުށި، އިފުރު، ކުޅުދުއްފުށި ސިޓީ، މާފަރު، ފުނަދޫ، މާވަރުލު، ހޯރަފުށި، މަޑިވަރު އަދި ފަރެސްމާތޮޑާ އަށެވެ.




