ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް ކަމަށާއި، އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.
”ސިހުރުގެ ނުބައިކަން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، ސިހުރަކީ އެ ކުށަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށެއް ކަމަށެވެ.
ސިހުރުގެ ނުބައިކަމާއި އެކަމުގެ ސަބަބުން މީހުންނަށް ކުރިމަތިވާ ވޭންދެނެވި ކަންކަމަށް އަލިއަޅުވާލައި ދިން ހުކުރު ހުތުބާގައި ބުނީ ސިހުރަކީ އާއިލާތައް ރޫޅާލައި، ދަރިން ބިކަކޮށްލަައި، ބޮޑެތި ބަލިތަކާ ކުރިމަތި ލާން ޖައްސާ ބިރުވެރި ހަގީގަތެއް ކަމަށެވެ.
އެތައް ބައެއްގެ ހަޔާތް ބަރުބާދުކޮށްލާފާއި ކަމަށާއި ގިނަ ޒުވާނުންގެ ޙަޔާތް ވިއްސިވިހާލިކޮށްލާފައިވާ މި ސުންޕާ ޢަމަލުގެ ސަބަބުން އެތަކެއް ބަޔަކު ބަލިވެ، އެތައްބަޔަކު ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި ޢަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި ޢުމުރަށް ވަކިވެ އެތައް އާއިލާއެއް ފަނާވެ ގޮސްފައިވާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ސިހުރުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި އެތައްބަޔަކު ދުނިޔޭއިން މޮޔަވެފައިވާކަން ފާހަގަކޮށް، މިސިޙުރަކީ ބޮޑު ވެގެންވާ ފާފައެއް ކަމަށާއި މިއީ ދެދުނިޔޭގައި ވެސް އޭގެ އޭގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ކަން މިހެން އޮތުމާއެކު މި ނުރައްކާތެރި ވަބާއިން ސަލާމަތް ވުމަށް ސިހުރުވެރިންނާއި ދުރުވުމަށާއި ރައްކާތެރިވުމަށް ޙުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.
ހަމައެހެންމެ ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަމަށާއި، އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށެވެ.
ހުތުބާގައި ބުނީ، لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެން އެކަލޭގެފާނަށް ސިހުރު ހެދި ކަމަށެވެ. އަދި ކީރިތި ރަސޫލާއަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِ ބާވައިލެއްވީ އެ ހާދިސާއާ ގުޅިގެން ކަމަށެވެ.
ސިޙުރަކީ ޙަޤީޤަތެއް ކަމަށާއި، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ ކެހިވެރިކަން ދައްކާލާކަމށާއި މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރުވާ ކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ސިހުރު ހެދުމަށްޓަކައި މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާކަމަށެވެ.
ހުތުބާގައި ވަނީ ސިހުރާއި ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފަ އެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި ދެވަނަ ކަމަކީ ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ހަޒުރަތުގައި ދުއާ ދެންނެވުން ކަމަށް ބުންޏެވެ. ތިންވަނަ ކަމަކީ ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުއާތައް ކިޔެވުމާއި އެ ކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން ކަމަށްވެސް ބުންޏެވެ.
ކީރިތި ރަސޫލާގެ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ރޭވެ އަނދިރިވާ ހިނދު، ނުވަތަ އިރުއޮއްސިގެން އަންނަ ހިނދު، ކުޑަކުދިން ބޭރަށް ނުކުތަނުދޭށެވެ! އެ ވަގުތު ޝައިތާނުން ފެތުރިގަންނާނެއެވެ. ދެން ރޭވެ ގަޑިއެއްހައި އިރު ފަހުން އެ ކުދިން ދޫކޮށްލާށެވެ! ދެން ބިސްމި ކިޔައި، ދޮރުތައް ލައްޕާށެވެ! އެހެނީ ބިސްމި ކިޔައި، ލައްޕާފައި ހުންނަ ދޮރެއް ޝައިތާނާ ނުހުޅުވާނެއެވެ! އަދި ބިސްމި ކިޔައި، ތިޔަބައިމީހުންގެ ފެން ޖާޑިތައް މަތިޖަހާށެވެ! އަދި ބިސްމި ކިޔައި، ކަންވާރުތަކުގައި މަތިޖަހާށެވެ! ނުވަތަ އޭގެމަތީގައި އެއްޗެއް ހުރަސްކޮށް ބާއްވާށެވެ! އަދި ބައްތިތައް ނިއްވައިލާށެވެ!
ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް ކަމަށާއި، އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް ކަމަށްވެސް ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.
ސިޙުރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ. އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި، ދެވަނަ ކަމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ޙަޟްރަތުގައި دُعَاء ދެންނެވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އަދިވެސް އިތުރަށް އަހަރުމެންގެ މާތް ނަބިއްޔާ ރަސޫލުﷲ ސައްލަﷲ އަލައިހިވަސައްލަމަ ގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔެވުން ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
ސިޙުރާއި، ސިޙުރުވެރިންގެ ނުބައިކަމުން ރައްކާތެރިވެގެންވާ ބަޔަކު ކަމުގައި ލެއްވުން އެދި މާތް الله ގެ ޙަޟްރަތުން ވާގި އެދި ދުޢާ ދަންނަވާ ޞާލިޙު އަޅުން ކަމުގައި ލެއްވުމަށް މަސައްކަތް ކުރުމާއި އަދި އެފަދަ އަޅުތަކުންނަށް ވުމަށް މަސައްކަތް ކުރުމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.



