މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 272 މީހުން ހިމެނޭ ދިވެހީންގެ ފުރަތަމަ ގްރޫޕު މިއަދު ހައްޖަށް ފުރައިފިއެވެ. އޭގެ އިތުރުން 26 މީހަކު ހައްޖުވެރިންގެ އެހީތެރިން ގޮތުގައި މި ދަތުރުގައި ބައިވެރިވާނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން 1000 މީހުން މިފަހަރު ހައްޖަށް ގެންދިޔުމަށް ވަނި ހަމަޖެހިފައެވެ. ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 3 ގްރޫޕަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ފުރަތަމަ ގްރޫޕުގައި ހިމެނޭ ހައްޖުވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އެއާޕޯޓަށް ވަޑައިގަންނަވާފައެވެ.

އެއާޕޯޓުގައި ހުންނަވާ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖުވެރިންނާއި ގުޅުންހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހައްޖާޖީންގެ ފުރުމުގެ ކަންކަން ހައްޖު ކޯޕަރޭޝަނާއި ސަރުކާރުގެ އެކި މުއްސަސާތައް ގުލިގެން ވަރަށް ފުރިހަމަ އިންތިޒާމު ކޮށްފައިވާ ކަމަށެވެ.
ދިވެހި ހައްޖުވެރިން އެއާޕޯޓަށް ދިޔުމަށް ހާއްސަ ބަސްތަކެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި ހައްޖުވެރިންގެ އާއިލާތައް އެއާޕޯޓައް ދިޔުމަށް ވެސް ބަސްތަކެއް ވަނީ ހާއްސަކޮށްފައެވެ.
ހައްޖުވެރިންގެ ދެވަނަ ގްރޫޕު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު 330 ހައްޖުވެރީން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ ގްރޫޕުގެ ފުރުން ޖޫން 7 ވަނަ ދުވަހު ހަމަޖެހިފައިވާއިރު، އެ ދުވަހު 316 ހައްޖުވެރީން ފުރާނެއެވެ. ރާއްޖެއިން ހައްޖަށް ފުރާ ހުރިހާ ފަރާތަތަކެއްވެސް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިންސް ގައެވެ.
މިއަހަރު ހައްޖުވެރިންގެ ގޮތުގައި ސަރުކާރުގެ ހަރަދަގައި 50 މީހަކު ހައްޖަށް ފުރާނެއެވެ. މިއީ ފަގީރުންގެ ތެރެއިން 1000 މީހަކު ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅުގެ ދަށުން މި އަހަރު ފުރާ 50 ހައްޖުވެރިންނެވެ.




