ރާއްޖެއަށް ކޮންމެއަހަރަކު 400 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރާއިރު، މިއީ 1.8 ބިލިއަން ރުފިޔާގެ ހޭދައެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދުންފަތުގެ އިސްތިއުލާމު ކުރުމާއި ދުންފަތުގެ ދުމަށް ހުށައެޅުމަކީ ތަފާތު އެކި ގިނަ ބަލިތަކަށް މަގުފަހިވާ ކަމެއްކަމުގައެވެ.
އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކަށް އާސަންދައިން ބޮޑު ހޭދައެއް ކުރާކަން ފާހަގަ ކޮށް ހެލްތު މިިނިސްޓްރީ އިން ބުނީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތައް ތަހަންމަލުކުރާ ޒުވާން އާބާދީ ބޮޑުކަމަށެވެ. އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގުތިޞާދަށް ކުރާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު، އުމުރުދުވަހަށް ފަރުވާކުރަން ޖެހޭ ސްޓްރޯކް، ހިތުގެ ބަލިތައް، ފުއްޕާމެއާ ނޭވާލައި ނިޒާމުގެ ބަލިތައް އަދި ޓީބީ ހިމެނެއެވެ.
ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު) ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކޮށްފައިވެއެވެ.
އަހަރަކު 400 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރާކަން ފާހަގަކޮށްފައިވާ މި ބަޔާނުގައި ބުނެފައި ވަނީ މިއީ 1.8 ބިލިއަން ރުފިޔާގެ ހޭދައެއް ކަމަށާއި މީގެ އިތުރުން ވެސް ޝީޝާގައި ބޭނުން ކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރުމަށް އެތަކެއް ލައްކަ ރުފިޔާ އަހަރެއްގެ މައްޗަށް ހޭދަ ކުރާ ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. މީގެ ތެރޭގައި ގިނައީ ފިރިހެނުންނަށްވާއިރު، ފިރިހެނުންގެ އާބާދީގެ 35.6 އިންސައްތަ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންގެ އާބާދީއަކީ 7.6 އިންސައްތައެވެ.



