މިދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާގައި އިންތިހާއަށް ހޫނުގަދަ ވުމުގެ ސަބަބުން، ހީޓް ސްޓްރޯކެއް ޖެހިގެން 15 މީހުން މަރުވެއްޖެއެވެ.
މީގެ ތެރެއިން 10 މީހުން މަރުވެފައިވަނީ އިންޑިއާގެ އޮޑިޝާ ނަމަކަށް ކިޔާ ސްޓޭޓެއްގެ ސަރުކާރު ހޮސްޕިޓަލެއްގައި ހީޓް ސްޓްރޯކަށް ފަރުވާދެމުން ދަނިކޮށެވެ. މީގެ އިތުރުން އިންޑިއާގެ ބިހާރު، ރަޖަސްތާން އަދި ދިއްލީ ގައިވެސް ހީޓް ސްޓްރޯކް ޖެހިގެން މީހުން މަރުވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.
އިންޑީއާގައި އިންތިހާއަށް ހޫނުގަދަވެފައިވާ މި ދުވަސްވަރަކީ އެ ޤައުމުގެ އާންމު އިންތިހާބު ކުރިޔަށްދާ ދުވަސްވަރެވެ. އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. ހީޓް ސްޓްރޯކް ޖެހި މަރުވި މީހުންގެ ތެރޭގައި އެ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ 3 މުވައްޒަފުންގެ އިތުރުން، ފުލުސް އޮފިސަރެއްވެސް ހިމެނޭ ކަމަށް އެ ޤައުމުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.
ބުރާސްފަތި ދުވަހު އިންޑިއާގެ އުތުރު އަދި ހުޅަނގު ސަރަހައްދު ތަކުގެ ހޫނުމިން ވަނީ 50 ޑިގްރީއާ ސެލްސިއަސްއާ ހިސާބަށް އަރާފައެވެ. މިއީ މިފަހުން އިންޑިއާގެ ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އިންޑިއާގެ ހޫނުމިން މިހާ މައްޗަށް ދިޔުމުގެ ސަބަބުން ކަޝްމީރު ސަރަހައްދުގެ ބައެއް ޖަންގަލި ތަކުގައި ވެސް ވަނީ ރޯވެފައެވެ.
2000 ވަނަ އަހަރާއި 2021 ވަނަ އަހަރާ އަޅާކިޔާއިރު، ހޫނުގަދަވުމުގެ ސަބަބުން އިންޑިއާގައި މަރުވާ މީހުންގެ އަދަދު 55 އިންސައްތަ އިތުރު ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.




