މިއަހަރު ހައްޖުގެ އަޅުަކަމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ފުރާ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސިފައިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
”ޙައްޖު އޮޕަރޭޝަން 2024“ ނަމުގައި އިއްޔެ ފެށި އޮޕަރޭޝަނަކީ ސަރުކާރުން ހައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެކެވެ.
އެމްއެންޑީއެފް އިން ބުނީ، މި އޮޕަރޭޝަނުގައި ހައްޖާޖީން ރާއްޖެއިން ފުރާ ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ކުރާ އެއްގަމު ދަތުރު ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި، އެއަރޕޯޓުގަައި އެކިއެކި އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއަރޕޯޓު ޓަރމިނަލްގައި ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ސިފައިން މަސައްކަތްކުރާނެކަމަށެވެ. މީގެ އިތުރުންވެސް ހައްޖާޖީން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ސިފައިން މަސައްކަތްކުރާނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ރާއްޖެއިން ހައްޖުގެ އަޅުކަމަށް އިއްޔެ ފުރަތަމަ ބެޗު ވަނީ ފުރާފަ އެވެ. ބާކީ ތިބި ހައްޖާޖީން ތިން ފްލައިޓަކަށް ބަހާލައިގެން ފުރުވާލަން ހައްޖު ކޯޕަރޭޝަންއިން ދަނީ ތައްޔާރުވަމުންނެވެ. މިއަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށް ފުރައެވެ. މީގެ އިތުރުން ހައްޖު މިޝަންއާއި، ހައްޖާޖީންގެ އެހީތެރިންގެ ގޮތުގައި ބައެއް މީހުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، އެމްއެންޑީއެފްގެ ބޭފުޅުންނާއި މީޑިއާއިން ހައްޖާޖީންނާއެކު ހަރަކާތްތެރިވެއެވެ.



