1.6 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ސަރުކާރުން ނިންމައި، އެ ބިލުތައް މާދަން ވިއްކަން ހުޅުވާލަން މިނިސްޓްރީ އޮފް ފިނޭންސުން ނިންމައިފި އެވެ.
ޓީ- ބިލްތަކެއް ވިއްކަން ސަރުކާރުން ނިންމީ، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން ވިއްކަން ހުޅުވާލަނީ ޖުމްލަ 1.6 ބިލިއަން ރުފިޔާގެ 4 ޓީބިލް ކަމަށާއި، މާދަން އެ ވިއްކަން ހުޅުވާލަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ވިއްކާލަން ނިންމާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 982 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 46 މިލިއަން ރުފިޔާގެ ޓީ-ބިލަަކާއި، 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 169 މިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން، 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 489 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ.
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.
ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.



