ފާއިތުވި އޭޕްރީލް މަހާ އަޅާބަލާއިރު، މިދިޔަ މެއި މަހު ފުލުހަށް ހުށަހެޅި ވައްކަމާ، ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ދަށަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމު ކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، އޭޕްރީލް މަހު އެންމެ ގިނައިން ހުށަހެޅި ވައްކަމުގެެ 285 މައްސަލައެއް ހުށަހެޅިއިރު، މިދިޔަ މަހު އެ އަދަދު ވަނީ 244އަށް ދަށް ވެފައެވެ.
އަދި އޭޕްރީލް މަހު ދެވަނައަށް އެންމެ ގިނައިން ހުށަހެޅުނު ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ވަނީ 219 އިން 169އަށް މެއި މަހު ދަށްވެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 759 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.
އޭގެ ކުރީ މަސް، އޭޕްރީލް މަހު ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ އެ ބާވަތުގެ މައްސަލައެވެ.
މިދިޔަ މަހު ހުށަހެޅި އިތުރު މައްސަލަތަކުގެ ތެރޭގައި، މުދަލަށް ގެއްލުން ދިނުމުގެ 45 މައްސަލަ، މަކަރާއި ހީލަތް ހެދުމުގެ 25 މައްސަލަ، ޖިންސީ ގޯނާގެ 13 މައްސަލަ ހުށަހަޅާފައިވެއެވެ
އަދި އަނިޔާ ކުރުމުގެ 30 މައްސަލަ، ގެވެށި އަނިޔާގެ 18 މައްސަލަ، ފޭރުމުގެ 36 މައްސަލައިގެ އިތުރުން، ފޯޖް ކުރުމުގެ 12 މައްސަލައާ، މަސްތުވާތަކެއްޗާ ގުޅޭ 88 މައްސަލަ އަދި އެއްޗެހި ގެއްލުމުގެ 78 މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ.
ކޮންމެ މަހަކުވެސް ފުލުހަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު ފުލުހުން އާންމު ކުރާއިރު، އެ އިދާރާއިން އަންނަނީ ކުށް މަދު ކުރުމުގެ އޮޕަރޭޝަންތަކާ އެފަދަ ކަންކަމުން ސަލާމަތްވުމަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.



