ކަރަންޓު ބިލުތަކާއި ގުޅުވައިގެން ކަސްޓަމަރުން ބޭނުންވާ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލައިފި އެވެ.
ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ އާންމުުން ދަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއަދު ހަވީރު ސްޓެލްކޯ ދޮށަށް އެއްވެ އާންމުންގެ ބަޔަކު ވަނީ ބިލްބޮޑުކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
އާންމުން ކަރަންޓު ބިލު މައްސަލައިގައި ނުރުހުން ފާޅުކުރަމުން ދަނިކޮށް ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓު ބިލުތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި billing@stelco.com.mv އީމެއިލްގެ ޒަރީއާއިން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
”ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭ ޖަވާބުދާރީވުމަށް މި ކުންފުނިން ދަނީ މަސައްކަތް ކުރަމުން،“ ސްޓެލްކޯއިން އާންމުކުރި ޕޯސްޓުގައި ވެއެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި، ކަރަންޓް ބިލު ފަހަކަށް އައިސް ބޮޑުވަމުން ދަނީ ހޫނު ގަދަކަމުން ކަމަށެވެ. އަދި ބޭނުން ނުކުރާ ކަރަންޓަކަށް ބިލުކޮށްފައި ނުވާނެކަމަށްވެސް ސްޓޭލްކޯއިން ދަނީ ބުނަމުންނެވެ.



