ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަނގަ ކުރުމަށް ބާއްވަ މަސްރޭހުގައި ކެބިނެޓްގެ ޓީމެއް ބައިވެރިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ، ކަނޑުގެ ދުވަސް ފާހަނގަކުރުމަށް ބާއްވާ އެންމެ ކުލަ ގަދަ ހަރަކާތަކީ މަސްރޭސްކަމަށާއި، އެމަސް ރޭހުގައި ކެބިނެޓު މިނިސްޓަރުންގެ ޓީމެއް ވާދަކުރާނެކަމަށެވެ.
މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފަ އެވެ. މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކަށް އެކަމަށް ޚާއްސަ ފޯމު ފުރުމަށް އެ ވުޒާރާއިން ވަނީ އެދިފަ އެވެ.
ޖޫން ހަތް ވަނަ ދުވަހު އޮންނަ މި މަސްރޭހުގައި އެއްވަނަ އަށްދާ ޓީމަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ، ތިން ވަނައަށް 7،000 ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހަކީ ޖޫން މަހުގެ އަށް ވަނަ ދުވަހެވެ. އެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަނގަކުރުމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ 10 ހަރަކާތެއް ހިންގުމަށް ރާވާފަ އެވެ. މިހަރަކާތްތައް މިއަދުން ފެށިގެން ޖޫން 8 ގެ ނިޔަލަށް ކުރިޔަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި ކުރެހުމުގެ މުބާރާތަކާއި، މަޒުމޫނު ލިޔުމުގެ މުބާރާތަކާއި، ކުއިޒް މުބާރާތެއް ހިމެނެއެވެ.
ކަނޑުތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ރާވާ ހިންގާ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މިނިސްޓްރީން އެދިފައި ވެއެވެ.



