ރާއްޖެއާއި ވިލާތު އިއްތިހާދުގެ އިސް އޮފިޝަލުންގެ މަޝްވަރާ ބައްދަލުވުމެއް މާދަމާ އޮންނާނެކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފި އެވެ.
ޚާރިޖިއްޔާއިން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ވިލާތު އިއްތިހާދާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރުންކަމަށެވެ.
މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރާނީ، ދިމިކްރާތީ އިސްލާހީ މަސައްކަތްތަކާއި، މޫސުމީ ބަދަލުތަކުން އަންނަ ހިރާސްތައް ކުޑަކުރުމާއި، ހެޔޮވެރިކަމުގެ ނިޒާމާއި، އަދުލުއިންސާފުގެ ނިޒާމުގެ އިސްލާހުތަކާއި، ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ މަސައްކަތްކާއި ގުޅޭ ގޮތުންނެވެ. އަދި، މިހާރު ރާއްޖެއާއި ވިލާތު އިއްތިހާދާއި ދެމެދު އެއްބާރުލުން ދެމުންއަންނަ ކަންތައްތައް މުރާޖައާކޮށް ވަޒަންކުުރުމަށްފަހު، އޭގެ ނަތީޖާއަށް ބަލައި ކުރިޔަށް އޮތް ތާނގައި ވިލާތު އިއްތިހާދުން އެއްބާރުލުން ދޭނެ ގޮތްތައް ކަނޑައެޅުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ފަރާތުން މި މަޝްވަރާގައި އިސްވެ ހުންނަވާނީ ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ އެވެ. އަދި ރާއްޖޭގެ ވަފްދުގައި ޚާރިޖިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މާލީ ވުޒާރާ އާއި، އިގުތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ބެހޭ ވުޒާރާއާއި، ތިމާވެއްޓާ ބެހޭ ވުޒާރާއާއި، ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާއި، އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިދާރާއާއި، ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރާއި، އެޓާނީ ޖެނެރަލް އޮފީހުގެ އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވަ އެވެ.
ވިލާތު އިއްތިހާދުފެ ވަފްދުގައި އިސްވެ ހުންނަވާނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަވިސްގެ އޭޝިއާ ޕެސިފިކް ޑީޕާޓްމެންޓްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޕައޯލާ ޕެމްޕަލޯނީ އެވެ.
މިއީ ވިލާތުއިއްތިހާދާއި، ރާއްޖެއާ ދެމެދު ބޭއްވޭ މިފަދަ 5ވަނަަ ބައްދަލުވުމެވެ.




