ބޭންކް އޮފް މޯލްޑިވްސްގެ މާފުށި ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ، އެ ބްރާންޗުގެ ޚިދުމަތްތަކަށް ގެނެވުނު ބަދަލާއެކު، ފަރުދުންނާއި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އައު ހިދުމަތްތަކެއް މިހާރު ލިބޭނެކަމަށެވެ. އަދި، އެ ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ.
ޚިދުމަތަށް މިގެނައި ބަދަލާއި ގުޅިގެން ބީއެމްއެލްގެ ބީއެމްއެލް ގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާއިރު، އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެ ބޭންކިންގ ޚިދުމަތަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އެއޮތް ޑިމާންޑާއި އެއްވަރަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރި ކަމަށެވެ.
”މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި، ވިޔަފާރިތަކަށް އަދި މިރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.“ ބީއެމްއެލް ގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ޚިދުމަތް ބީއެމްއެލް އިން ދެއެވެ.



