ކުވައިތުގެ އަމީރު ޝައިޚް މިޝާލް އަލް އަހްމަދު އަލް ޖާބިރް އެގައުމުގެ އާ ވަލީ އަހްދުގެ ނަންފުޅު ިއިއްޔެ އިއުލާނުކުރައްވައިފި އެވެ.
ކުވައިތުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި، އާ ވަލީ އަހުދަކަށް އަމީރު ހަމަޖެއްސެވީ އުމުރުން 71 އަހަރުފުޅުގެ ޝައިޚް ސަބާހް ޚާލިދު އަލް މުބާރަކް އަލް ސަބާހް އެވެ. އެމަނިކުފާނަކީ އެގައުމުގެ ބޮޑުވަޒީރުކަމާއި ޚާރިޖީ ވަޒީރުކަމާއި، ނެޝަނަލް ސެކިއުރިޓީގެ އިސްވެރިޔާގެ މަގާމާއި، ކުވައިތުން ސައުދީއަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ބޮޑުވަޒީރުކަމުގެ މަގާމުގައެވެ. ސަރުކާރާއި ގާނޫން ހަދާ މަޖިލީހާއި ދެެމެދު އުފެދުނު ދިގުލީ ޚިޔާލު ތަފާތުވުންތަކާހުރެ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.
އަމީރުގެ ޚާއްސަ ގަރާރަކުން ވަލީ އަހުދަކަށް އާ ބޭފުޅަކު ހަމަޖެއްސެވި ނަމަވެސް ކުވައިތުގެ ތަޚްތުން މިކަމާއިބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކުރައްވާފަ އެވެ ނުވެއެވެ. އާންމު ގޮތެއްގައި ގަރާރަކުން އަމީރު ވަލީ އަހްދު ހަމަޖެއްސެވި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ. އެހެންނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލިސް 4 އަހަރުގެ މުއްދަތަކަށް އަމީރުވަނީ އުވާލާއްވާފަ އެވެ.
ކުވައިތުގެ އަމީރު ޝައިޚް މިޝާލް އަލް އަހްމަދު އަލް ޖާބިރް ތަޚުތަށް ވެޑުވިވަޑައިގެންނެވިތާ ހަމަސްވާން ގާތްވެފައިވާއިރު، އެގައުމުގެ ސިޔާސީ މަސްރަހް ވަނީ ވަރަށް ހަލަބޮލިވެފަ އެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތަކާއި، ހިންގުމުގެ ނިޒާމުގައި ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހި އެގައުމުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ޚާއްސަކޮށް ގައުމުގެ ވެލްފެއާގެ ނިޒާމު ބަލިކަށިވެ، އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫ އަރާފައިވާއިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފިއްތުންތަށް ކުރިމަތިކުރަމުންނެވެ.



