މީގެ ހަތް އަހަރު ކުރިން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފިއެވެ.
މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.
ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ.
އަދި އެ މައްސަލަ ހައި ކޯޓުން ގޮތެއް ނިންމަންދެން ސައްމާހު ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން އޭރު ނިންމީ އޭނާ ބަންދު ނުކުރެވޭނެ ކަމަށެވެ.
ދައުލަތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއިރު ސުޕްރީމް ކޯޓުން ހުކުމްކުރީ ހައި ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ.
ހައި ކޯޓުން ދެވަނަ ފަހަރު ވެސް ނިންމީ ސައްމާހު ބަންދު ކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.
މިއާއެކު އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި ނަމަވެސް ކުށް ސާބިތުވީ އެންމެ މީހެއްގެ މައްޗަށެވެ.


