އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިކަން ހާމަކުރެއްވީ ދެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިހުސާން އެވެ.
މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކެބިނެޓުން ނިންމަވާފައިވާކަމަށެވެ. އެގޮތަށް ނިންމެވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާފުޅުގެ މަތިންކަމަށެވެ.
”މިހާރު ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން މިކަން ކުރެވެން އޮތް ކަމަށް ދައުލަތުގެ އެޓާނީ ޖެނެރަލް ވެސް ލަފާ އަރުވަނީ، ބައިނަލްއަގުވާމީ ގޮތުން ވެސް އެބަހުރި ސީދާ ވަކިވަކި ގައުމުތަކުގެ ނަންތައް ކަނޑައަޅާފަ ގާނޫނުތައް މިގޮތަށް މާނަކޮށް ރެސްޓްރިކްޝަންތައް ނާޅަން ވެސް ބާރުއަޅާފައި. އެހެންވީމާ އަޅުގަނޑުމެންނަށް މިކަން ގާނޫނީ ގޮތުން ކުރެވޭނެ އެންމެ އަވަސް މަގެއް އަޅުގަނޑުމެން މި ހޯދަނީ. އެގޮތުން އަޅުގަނޑުމެން މި ބަލަނީ ގާނޫނަކުން ކަމަށް ކަނޑައެޅޭނީ ރެސްޓްރިކްޝަންތަކެއް ރާއްޖޭގެ އެންޓްރީއަށް،“ އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ކަންކަން ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ. އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމެވެ.
އިހްސާން ވިދާޅުވީ، ސަރުކާރުން މިއަދު ނިންމި ނިންމުމަކީ ދިވެހި ގިނަ ރައްޔިތުން އެދޭ އެދުމެއް ކަމަށާއި، ރައީސާ ވަކިން ބައްދަލުކޮށް ވެސް އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ބައެއް އާންމުން ހުށަހަޅާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ނިންމުމަކީ އިންސާނިއްޔަތަށްޓަކައި އަދި މުސްލިމުންނަށްޓަކައި ނިންމާ ނިންމުމެއް ކަމަށެވެ.



