”ފަލަސްތީނާއިއެކު ދިވެހިން“ ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްޠީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެޝިއަލް އެންވޯއިއެއް ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.
އަދި ”ފަލަސްތީނާއިއެކު ދިވެހިން“ މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމަވާފައިވާ ކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމަވާފައިވާ ކަން ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އެ ކަންކަމުގެ އިތުރުން، ރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް މިއަދު ނިންމާފައިވާ ކަމަށެވެ.


