ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އެކުލަވާލާ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީހޯދުމަށް މަގުފަހިކޮށްދޭ އެއްބަސްވުމުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މަޖިލީހުގެ ރުހުން ސަރުކާރުން ހޯއްދަވަނީ ”ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް“ ގައި ސޮއިކުރުމަށެވެ.
ރައީސް ޑރ.މުއިއްޒު މިގޮތަށް ނިންމެވީ މިއަދު ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅި ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހު މަޖިލީހުން އެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަޒީރުން ލަފާދެއްވުމާއި ގުޅިގެންނެވެ.
މި ޓްރީޓީގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމެވެ. އަދި މި ޓްރިޓީގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ.



