އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭކަމަށާ އެ މައްސަލަ ވީ އެންމެ އަވަހަކަަަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިއަދުގެ މަޖިލީހިގެ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
މެންބަރު ހުށަހެޅުއްވި އެ މައްސަލައިގައި ބުނީ، އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، މަރަދޫފޭދޫ ރައްޔިތުންނަށް ފެނަކައިން ފޯރުކޮށްދެމުންދިޔަ ސާފު ފެން ލިބުމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފަިއވާ ކަމަށެވެ.
އޭގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރައި ރައްޔިތުން އެތައް ތަކުލީފްތަކަކާއި ކުރިމަތިވަމުންދާ ކަމަަށް މެންބަރު ވިދާޅުވިއެވެ. އަދި ފެނަކައިން މި މައްސަލަ ހައްލު ކުރުމަށް ނުކުޅެދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ މި މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތެއް ވެސް ރައްޔިތުންނަށް ނޭނގޭ ކަމަށާ މިހާރުން މިހާރަށް އެ މައްސަލަ ހައްލު ކުރުމަށް ގޮވާލާ ކަމަށެވެ.
މި މައްސަލައަށް ބަހުސް ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ.



