ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރު ކަމަށް މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި މެންބަރު ރިޒާގެ ނަމަށް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު ތާއީދު ކުރެއްވި އެވެ.
ޖޭއެސްސީއަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ނަމެއް ހުށަހަޅާފައެއް ނުވެއެވެ. އެހެން ކަމުން ވޯޓު ގަޑީގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުން މެންބަރު ރިޒާ ގެ ނަން ވަނީ ފާސްކޮށްފައެވެ.
ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލިހުން ޖޭއެސްސީއަށް އެންމެ ފަހުން ކަނޑައަޅާފައި ހުންނެވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.




